
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދިރުންތަކާއި ނަސްލުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ތާރީޚީ މުހިންމު ދުވަހެކެވެ. ޤައުމުތަކުގެ ސަރަޙައްދީ އިމުން ބޭރުގެ ކަނޑުތަކުގައިވާ ދިރޭތަކެތީގެ ނަސްލުތައް (ބަޔޯޑައިވަރސިޓީ) ރައްކާތެރިކުރުމަށްޓަކައި އެކުލަވާލެވުނު، ޤާނޫނީ ގޮތުން ބާރުލިބިގެންވާ ފުރަތަމަ ބައިނަލްއަޤުވާމީ އެއްބަސްވުން ކަމުގައިވާ "ބީ.ބީ.އެން.ޖޭ (BBNJ) މުޢާހަދާ" އަށް މިއަދު ވަނީ ރަސްމީކޮށް ޢަމަލުކުރަން ފަށާފައެވެ.


މި މުޢާހަދާއަކީ ކަނޑުތައް ބެލެހެއްޓުމުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ފަޚުރުވެރިކަމާއެކު ފާހަގަކުރެއެވެ. މިއީ ދުނިޔޭގެ ކަނޑުތަކުގެ ބޮޑުބައެއް ހިއްސާކުރާ، އެއްވެސް ޤައުމެއްގެ އިޚުތިޞާޞް ނުހިނގާ ސަރަޙައްދުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.
މި މުނާސަބަތުގައި ރާއްޖެއިން ވަނީ ކަނޑުގެ މާޙައުލާއި ދިރުންތައް ރައްކާތެރިކުރުމަށާއި، ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި ސާބިތުވެ އޮންނާނެކަމުގެ އަޒުމް އާކޮށްފައެވެ. އަދި ކަނޑުގެ ވަސީލަތްތަކުން ލިބޭ ފައިދާ، ހުރިހާ ޤައުމުތަކެއްގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާނެ މަގުފަހިކުރުމަކީ ރާއްޖެއިން އިސްކަންދޭ މުހިންމު ކަމެއްކަން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، މި މުޢާހަދާގެ ދަށުން ކަނޑުގެ ޚާއްޞަ ސަރަޙައްދުތައް ކަނޑައަޅައި، އެތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު ބަދަހި އެއްބާރުލުން ޤާއިމުކޮށް، އަންނާން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގައި ރާއްޖެއިން އަބަދުވެސް އިސްނަގައިގެން މަސައްކަތް ކުރަމުންދާނެއެވެ.
ރާއްޖެ ފަދަ ކަނޑުގެ މާޙައުލަށް ބަރޯސާވެފައިވާ ޖަޒީރާ ޤައުމަކަށް، މިފަދަ ބައިނަލްއަޤުވާމީ މުޢާހަދާއަކަށް ޢަމަލުކުރަން ފެށުމަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.







