
ސޮސިއެޑާޑް އަތުން ބަލިވެ، ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި
# ސްޕެނިޝް ލަ ލީގާ# ރެއާލް ސޮސިއެޑާޑް # ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާބާސެލޯނާ އާއި ސޮސިއެޑާޑް ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 1-2 ގެ ނަތީޖާއަކުން ބަލިވެ، ތާވަލުގެ ކުރީގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފިއެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެސްޕަނިއޯލް އަތުން މޮޅުވެފައިވާއިރު، ލީގުގައި ސޮސިއެޑާޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ގެޓާފޭ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގެ ފުރަތަމަ 28 މިނެޓުތެރޭގައި އެޓީމުން ދެލަނޑު ކާމިޔާބުކުރިއެވެ. ނަމަވެސް މިދެލަނޑު ވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ ކެންސަލްކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ރެއާލް ސޮސިއެޑާޑްގެ ފޯވާޑް މިކޭލް އޮޔަޒެބަލް ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސޮސިއެޑާޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެެވެ.
ނަމަވެސް ޖެހިގެންއައި މިނެޓުގައި ސޮސިއެޑާޑްގެ ޕޯޗުގަލް ފޯވާޑް ގޮންކާލޯ ގުއެޑޭސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑުހޯދައިދީފައެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ކާލޯސް ސޮލެއަރއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި ސޮސިިއެޑާޑުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން ރެއާލް ސޮސިއެޑާޑަށް 24 ޕޮއިންޓް ލިވިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގައި ކުޅުނު 20 މެޗުން ހޯދި 49 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތަވާލުގެ އެއްވަނައިގައެވެ.







