
ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެއްވުމަށް ޖަލީލު ރަނުން ރަނަށް އެހީތެރިވެދޭނެ - ފަލާހް
# ޕީއެންސީ-
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު، މާލެ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ރަނުން ރަނަށް އެހީތެރިވެދޭނެ ކަމަށް ކައުންސިލް އިންތިހާބަށް ޕިއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ފަލާހް މިފަދައިން ފާހަގަކުރެއްވީ އިންތިހާބުގެ ކެމްޕެއިން މަސައްކަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ މާލޭގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ. ޖަލީލުގެ ކެމްޕެއިން އޮފީހެއްގެ ގޮތުގައި ހުޅުވާފައިވަނީ މާލޭގައި މީގެ ކުރީން ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރަމުންއައި ކާނިވާ ސަރަހައްދުގައި ހުންނަ ޖަގަހައެވެ.
މިރޭގެ ރަސްމިއްޔާތުގައި ފަލާހް ވިދާޅުވީ ރައީސް ޑރ.މުޢިއްޒު މާލޭ ސިޓީ މޭޔަރުކަމަށް މާލޭގެ ރައްޔިތުން އިންތިހާބުކުރީ އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތާއި މޭޔަރުކަން މީގެ ކުރިން ދިނުމުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން ކަމަށާއި އެމަނިކުފާނު އެ މަގާމުގައި ހުންނަވައިގެން ރަނގަޅު ހެޔޮ އެތައް ބަދަލެއް ގެނެސްދެއްވި ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް މާލޭ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު އަދި މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު ލިބިވަޑައިގަތް އެއް ސަބަބަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް ކުރެއްވި ހިދުމަތް ކަމުގައި ފަލާހު ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލަކީވެސް މާލޭ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ނުކުމެވަޑައިގެން ހުންނެވި އިހުލާސްތެރި ތެދުވެރި ބޭފުޅެއްކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ މާލޭގެ ރަށްވެހިންނާއި، މާލެ ސިޓީގައި ވަޒަންވެރިވެގެން ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރައްޔިތުންނާއި، އެެންމެން ހިމެނޭ ގޮތަށް އެއްވެސް ބައެއްގެ މެދުގައި ތަފާތުކުރުމެއް ނެތި ހިދުމަތްކުރައްވާނެ ބޭފުޅަކަށް ޖަލީލު ވެވަޑައިގަންނަވާނެ ކަމަށެވެ.
"މޫސާ އަލީ ޖަލީލަކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ރަނުން ރަނަށް ސަރުކާރަށް އެހީތެރިވެދޭނެ، މާލޭގެ އެއްވެސް ރައްޔިތަކު ތަފާތުނުކުރައްވައި، މާލޭގައި ދިރިއުޅުއްވާ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާމެދު ތަފާތުނުކުރައްވާނެ ބޭފުޅެއް،" ފަލާހު ވިދާޅުވިއެވެ.
ޕީއެންސީން ދާދި ފަހުން ބޭއްވި އެޕާޓީގެ ޕްރައިމެރީއަށް މާލޭގެ މޭޔަރުގެ މަގާމަށް ޓިކެޓު ހޯދުމަށް ކުރިމަތިލެއްވީ މޫސާ އަލީ ޖަލީލް އެކަންޏެވެ. މިއާއިއެކު އިތުރު އިންތިހާބަކާއި ނުލައި މާލޭގެ މޭޔަރު ކަމުގެ ޓިކެޓު މޫސާ އަލީ ޖަލީލްއަށް ވަނީ ކަށަވަރުވެފައި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަންވެސް ކުރެއްވި މޫސާ އަލީ ޖަލީލް އަކީ 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ވަރަށް މަތިވެރި ޖިހާދެއް ކުރެއްވި ބޭފުޅެކެވެ.
ގުޅުންހުރި

ޖަލީލު ނިކުމެވަޑައިގެން ހުންނެވީ ވަރުގަދަ ޓީމަކާ އެކު، އެއީ ރައީސް މުއިއްޒުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒު ކުރެވޭނެ ޓީމެއް!

ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެއްވުމަށް ޖަލީލު ރަނުން ރަނަށް އެހީތެރިވެދޭނެ - ފަލާހް

ހާމަވެގެން މިދަނީ ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ހަރުދަނާވެފަ އޮތް މިންވަރު: އަބްދުއްރަހީމް





