
ފަސޭހަކަމާއެކު ޕާކިސްތާން ބަލިކޮށް ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފެށީ އިތުބާރާއެކު
# ސާފް ފުޓްސަލް ޗެމްޕިއަންޝިޕް# ބޭރު ދުނިޔޭގެ ކުޅިވަރުރާއްޖެއާއި ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސާފް
ތައިލެންޑްގައި މިހާރު ކުރިއަށްދާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި، ދިވެހިރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޕާކިސްތާން ބަލިކޮށް ދިވެހި ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ސާފްގެ ހަތް ގައުުމުން ވާދަކުރާ، މި ސަރަހައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން މިއަދު ފެށިއިރު، ފުރަތަމަ މެޗުގައި ބޫޓާން އާއި ސްރީ ލަންކާ ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ބަންގްލަދޭޝް އާއި އިންޑިއާ ވާދަކުރި ދެވަނަ މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ތައިލެންޑުގެ ނޮންތަބުރީ ސްޓޭޑިއަމްގައި ރާއްޖެ އާއި ޕާކިސްތާން ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ލަނޑުގެ ލީޑަކާއެކު ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދިވެހި ޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕާކިސްތާނުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ދިވެހި ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ދެ ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު ހަމީދު (އައްމަޑޭ)، އަލީ ޝިޔާހު (ޝިޔަޅޭ)، ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ)، އަލީ ޝަމާލް އަބްދުﷲ (ޝަންމު) އަދި އަބްދުﷲ ޝާފިއު (ޝައްޕެ) މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ޕާކިސްތާނުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ނިސާރު ހުސެއިން އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިިރިހެން ފުޓްސަލް ޓީމު ކުޅޭ، ދެ ވަަަނަ މެޗުގައި މި މަހު 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި މި މަހު 20 ވަނަ ދުވަހު ދިވެހި ޓީމުން ނުކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި މި މަހު 24 ވަނަ ދުވަހު ދިވެހި ޓީމުން ނުކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، މި މަހު 26 ވަަނަ ދުވަހު ދިވެހި ޓީމުން ނުކުންނާނީ ސްރީ ލަންކާ އާއި ދެކޮޅަށެވެ.




.jpg&w=3840&q=75)


