logoEN
Sto top
ފަހަތުން އަރައި އަލް ނަސްރު ބަލިކޮށް އަލް ހިލާލް އިން ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ފަހަތުން އަރައި އަލް ނަސްރު ބަލިކޮށް އަލް ހިލާލް އިން ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

1/12/2026, 7:36:07 PM

# ސައުދީ ޕްރޮފެޝަނަލް ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ނަސްރު # އަލް ހިލާލް

އަލް ހިލާލް އާއި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިން

ސައުދީ ޕްރޯ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަލް ނަސްރާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލް އިން ލީގު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

Wamco

ލީގުގައި އަލް ނަސްރު ކުޅުނު ފުރަތަމަ 10 މެޗުން މޮޅުވުމަށްފަހު، އޭގެ ފަހުން ކުޅުނު ހަތަރު މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާއިރު، މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި ލީގުގައި އަލް ހިލާލް އެންމެ ފަހުން ކުޅުނު ނުވަ މެޗުން މޮޅުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރު އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 14 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. މީގެ އިތުރުން މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 959 ވަނަ ލަނޑެވެ.

އަލް ހިލާލް އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަލް ނަސްރުގެ ގޯލް ކީޕަރު ނަވާފް އަލް އަޤީދީއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި އަލް ހިލާލް އިން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިޑްފީލްޑަރު މުހައްމަދު ކަނޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗު އިތުރުވަގުުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރުބެން ނެވޭސް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 14 މެޗުން އަލް ހިލާލްއަށް 38 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ނަސްރު އިން ލީގުގައި ކުޅުނު 14 މެޗުން ހޯދި 31 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC