logoEN
Sto top
ރައިސްގެ ދެލަނޑާއެކު ފަހަތުން އަރައި އާސެނަލް އިން ބޯންމައުތު ބަލިކޮށްފި

ރައިސްގެ ދެލަނޑާއެކު ފަހަތުން އަރައި އާސެނަލް އިން ބޯންމައުތު ބަލިކޮށްފި

ހަސަން ޝަމްއޫން

logo

1/3/2026, 8:17:27 PM

# ބޯންމައުތު# އިނގިރޭސި ޕްރިމިއާ ލީގު# އާސެނަލް# ބޭރު ދުނިޔޭގެ ކުޅިވަރު

އާސެނަލް އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބޯންމައުތު އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.

Wamco

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ އަތުން މޮޅުވެފައިވާއިރު، ލީގުގައި ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މި ދެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ބޯންމައުތު އިންނެވެ.

ބޯންމައުތުގެ ވިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޯންމައުތު އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އެވަނިލްސަން އެވެ.

ނަމަވެސް އޭގެ ހަމިނެޓް ފަހުން އާސެނަލްގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި މިޑްފީލްޑަރު ޑެކްލަން ރައިސް ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރައިސް އެވެ.

ބޯންމައުތުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް އެލީ ޖޫނިއަރ ކްރޫޕީ ކާމިޔާބުކުރިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން އާސެނަލްއަށް 48 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަ ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބޯންމައުތު އިން ލީގުގައި ކުޅުނު 20 މެޗުން ހޯދި 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC