
އެމެރިކާ ބައްރުގެ މަޝްރަހު ހޫނު ވެއްޖެ: ކޮލަމްބިއާގެ ސަލާމަތީ ބާރުތައްވެސް ތައްޔާރީ ހާލަތަށް!
# ވެނެޒުއޭލާއެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެގައުމުގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ "ވަގަށް" ނެގުމާއިއެކު އެމެރިކާ ބައްރުގެ މަޝްރަހު ހޫނުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ވަނީ ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ވައިގެ މަގުން ވަދެ އެސަރަހައްދުގެ ގިނަ ތަންތަނަށް ހަމަލާތައް ދީފައި އެވެ. އެގޮތުން އެންމެ ބޮޑެތި ހަމަލާތަކެއް ދީފައިވަނީ އެގައުމުގެ އަސްކަރީ މަރުކަޒުތަކާއި ބޭސްތަކަށެވެ.
މި ހަމަލާތަކުގެ ޒިންމާ ނަގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އޭނާގެ ރަސްމީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއާ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮންތަނަކަށް ކަމެއް ހާމައެއް ނުކުރެއެވެ.
މިއާއިއެކު ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ، ވެނެޒުއޭލާގެ ބޯޑަރު ސަރަހައްދުގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ޕެޓްރޯ ވިދާޅުވީ މިގޮތަށް ނިންމީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ފަހު ކަމަށެވެ. އަދި ކޮލަމްބިއާ އިން ރެފިއުޖީންގެ އަދަދު އިތުރުވެއްޖެ ނަމަ އިންސާނީ އެހީގެ ހުރިހާ ވަސީލަތެއް ވެސް ދަނީ އެއްކުރަމުންނެވެ.
ޕެޓްރޯ ވިދާޅުވީ ވެނެޒުއޭލާގައި ހުންނަ ކޮލަމްބިއާގެ އެމްބަސީ އޮތީ އޮޕަރޭޝަނަލް ހާލަތުގައި ކަމަށާއި އެ ގައުމުގައި ދިރިއުޅޭ ކޮލަމްބިއާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކޮލަމްބިއާ އިން މިހާރު ވެސް އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ."ކޮލަމްބިއާ ސަރުކާރުން ވެނެޒުއޭލާގެ އިސްތިގުލާލާއި ލެޓިން އެމެރިކާއާ ދެކޮޅަށް ކުރާ ހަމަލާތައް ބަލައިނުގަންނާނެ،" ޕެޓްރޯ ވިދާޅުވި އެވެ.
ޓްރަމްޕުގެ އަމުރަށް އެމެރިކާ އަސްކަރިއްޔާއިން މިފަދައިން އަމަލުކޮށްފައިވާއިރު ޓްރަމްޕު ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއަށް މަސްތުވާތަކެތި ވެއްދުމަށް އެހީތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައި އެވެ. ނަމަވެސް މަޑޫރޯ ތުހުމަތުކުރައްވަނީ ޓްރަމްޕު ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވައި އެގައުމުގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމެވެ.
އެމެރިކާގެ މިއަމަލުތަކާއިއެކު އެމެރިކާ ބައްރުގެ ހަމަޖެހުމަށް ބުރޫއަރާފައިވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެމެރިކާއަށް ވެނުޒިއޭލާއިން ހަމަލާތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެގައުމުގެ ނޫސްތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެ.







