
-
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ "ވަގަށް" ނަގައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ވަނީ ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ވައިގެ މަގުން ވަދެ އެސަރަހައްދުގެ ގިނަ ތަންތަނަށް ހަމަލާތައް ދީފައި އެވެ. އެގޮތުން އެންމެ ބޮޑެތި ހަމަލާތަކެއް ދީފައިވަނީ އެގައުމުގެ އަސްކަރީ މަރުކަޒުތަކާއި ބޭސްތަކަށެވެ.
މި ހަމަލާތަކުގެ ޒިންމާ ނަގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އޭނާގެ ރަސްމީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއާ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮންތަނަކަށް ކަމެއް ހާމައެއް ނުކުރެއެވެ.
ޓްރަމްޕުގެ އަމުރަށް އެމެރިކާ އަސްކަރިއްޔާއިން މިފަދައިން އަމަލުކޮށްފައިވާއިރު ޓްރަމްޕު ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއަށް މަސްތުވާތަކެތި ވެއްދުމަށް އެހީތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައި އެވެ. ނަމަވެސް މަޑޫރޯ ތުހުމަތުކުރައްވަނީ ޓްރަމްޕު ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވައި އެގައުމުގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމެވެ.
އެމެރިކާގެ މިއަމަލުތަކާއިއެކު އެމެރިކާ ބައްރުގެ ހަމަޖެހުމަށް ބުރޫއަރާފައިވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެމެރިކާއަށް ވެނުޒިއޭލާއިން ހަމަލާތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެގައުމުގެ ނޫސްތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެ.







