
ވެނެޒުއޭލާއަށް ވައިގެ ހަމަލާތަކެއް: އެގައުމުގެ ޑިފެންސް މިނިސްޓަރުގެ ގެއަށް އަމާޒުކޮށް ހަމަލާދިން ކަމުގެ ރިޕޯޓު!
# ވެނެޒުއޭލާވެނެޒުއޭލާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެގައުމުގެ ޑިފެންސް މިނިސްޓަރުގެ ގެކޮޅަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވެނެޒުއޭލާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިއަދު ހެނދުނު ވެނެޒުއޭލާގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އެގައުމުގެ އަސްކަރީ ބޭސްއަކަށްވެސް ވަނީ ހަމަލާދީފައި އެވެ. އަދި މި އަސްކަރީ ބޭސްއަކީ އެގައުމުގެ ޑިފެންސް މިނިސްޓަރު ވްލަޑިމިއަރ ޕެޑްރިނޯ ލޮޕޭޒްގެ ގެކޮޅުވެސް ހުންނަ ބޭސްކަމުން ހަމަލާގައި މިނިސްޓަރުގެ ގެކޮޅަށްވެސް ހަމަލާ އަމާޒުވެފައިވާ ކަމަށް ވެނެޒުއޭލާގެ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް އަދި މިހާތަނަށް ޑިފެންސް މިނިސްޓަރު ވްލަޑިމިއަރ ޕެޑްރިނޯ ލޮޕޭޒްގެ ހާލުކޮޅާއި ގުޅޭގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ވެނެޒުއޭލާގެ މީޑިއާތަކުން ހާމަނުކުރެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ މަތީން އަސްކަރީ ޖެޓުތަކަކާއި ހެލިކޮޕްޓަރުތަކެއް އުދުހެމުންދާއިރު އެސަރަހައްދުގެ ގިނަ ތަންތަނަށް ވަނީ ހަމަލާތައް ދީފައި އެވެ. މިހަމަލާތައް ދެމުން އަންނަނީ ސީދާ ކޮން ބައެއްކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް ހަމަލާތައް ދެމުން އަންނަނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށް ބޭރުގެ ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން އެމެރިކާއާއި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މީގެ ކުރީން ދީފައި އެވެ.
މި ހަމަލާތަކަކީ އެމެރިކާއިން ދެމުން އަންނަ ހަމަލާތަކެއް ކަމަށާއި އެހެންކަމުން އެމެރިކާއާއި މެދު ފިޔަވަޅު އެޅުމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯވެސް މީގެ އިރުކޮޅެއް ކުރީން ގޮވާލާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއާއި ގުޅިގެން އެމެރިކާގެ އިސް އޮފިޝަލުންނާއި ސުވާލުކުރުމުން އެފަރާތްތަކުން ޖަވާބުގައި ބުނެފައިވަނީ ވެނުޒުއޭލާއަށް ހަމަލާތަކެއް އަންނަ ކަމުގެ މައުލޫމާތު " ލިބިފައިވާ " ކަމަށެވެ. ނަމަވެސް މިއީ އެމެރިކާއިން ދިން ހަމަލާއެއްތޯ ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް އެމެރިކާގެ އިސް އޮފިޝަލުން އަންނަނީ ފުރަގަސްދެމުންނެވެ.








