
ވައިގެ ހަމަލާތަކަކާއި ކުރިމަތިލަމުން އަންނަ އެމެރިކާ ބައްރުގެ ވެނެޒުއޭލާގައި ކުއްލި ހާލަތުު އިއުލާނުކޮށްފި އެވެ.

ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ވެނެޒުއޭލާގެ ހުރިހާ ސަރަހައްދެއް ހިމާޔަތް ކުރުމަށް ގައުމީ ދިފާއީ ޕްލޭންތައް ތަންފީޒު ކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ދާދި ދެންމެ އަކު ވަނީ ހާމަކުރައްވާފައި އެވެ.
ފޮރިން މިނިސްޓަރު ނެރުނު ބަޔާނުގައި ވަނީ މި ހަމަލާތަކުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށް ތުހުމަތު ކުރައްވައި ހަމަލާތައް ދީފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، އަސްކަރީ ތަންތަނަށް އަމާޒުކޮށް، މެދުތެރޭ ކަރަކަސް އަށް ކަން ކަށަވަރުކޮށްދެއްވާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ މަތީން އަސްކަރީ ޖެޓުތަކަކާއި ހެލިކޮޕްޓަރުތަކެއް އުދުހެމުންދާއިރު އެސަރަހައްދުގެ ގިނަ ތަންތަނަށް ވަނީ ހަމަލާތައް ދީފައި އެވެ. މިހަމަލާތައް ދެމުން އަންނަނީ ސީދާ ކޮން ބައެއްކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް ހަމަލާތައް ދެމުން އަންނަނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށް ބޭރުގެ ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން އެމެރިކާއާއި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މީގެ ކުރީން ދީފައި އެވެ.
މި ހަމަލާތަކަކީ އެމެރިކާއިން ދެމުން އަންނަ ހަމަލާތަކެއް ކަމަށާއި އެހެންކަމުން އެމެރިކާއާއި މެދު ފިޔަވަޅު އެޅުމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯވެސް މީގެ އިރުކޮޅެއް ކުރީން ގޮވާލާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއާއި ގުޅިގެން އެމެރިކާގެ އިސް އޮފިޝަލުންނާއި ސުވާލުކުރުމުން އެފަރާތްތަކުން ޖަވާބުގައި ބުނެފައިވަނީ ވެނުޒުއޭލާއަށް ހަމަލާތަކެއް އަންނަ ކަމުގެ މައުލޫމާތު " ލިބިފައިވާ " ކަމަށެވެ. ނަމަވެސް މިއީ އެމެރިކާއިން ދިން ހަމަލާއެއްތޯ ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް އެމެރިކާގެ އިސް އޮފިޝަލުން އަންނަނީ ފުރަގަސްދެމުންނެވެ.








