logoEN
Sto top
ރަށުން ބޭރުގައި އަލް އަހްލީ އަތުން އަލް ނަސްރު ބަލިވެއްޖެ

ރަށުން ބޭރުގައި އަލް އަހްލީ އަތުން އަލް ނަސްރު ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

1/2/2026, 8:33:50 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ނަސްރު # އަލް އަހްލީ

އަލް ނަސްރު އާއި އަލް އަހްލީ ވާދަކުރި މެޗުގެ ތެރެއިން..

ސައުދީ ޕްރޯ ލީގުގައި މިރޭ ރަށުން ބޭރުގައި އަލް އަހްލީ އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން ބަލިވެ، ލީގު ތާވަލުގެ ކުރީގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު އަލް ނަސްރުން ނަގާލައިފިއެވެ.

Wamco

ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން މޮޅުވެ ރެކޯޑް ހެދުމަށްފަހު އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް އިއްތިފާގު އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ލީގުގައި އަލް އަހްލީ އެންމެ ފަހުން ކުޅުނު މެޗުގައި އަލް ފަތޭހް އަތުން 2-1 ބަލިވެފައިވާއިރު، މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ މިސީޒަނުގެ ސައުދީ ސުޕަކަޕް ފައިނަލުގައެވެ. އެމެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް އަހްލީ އިންނެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް އަހްލީ އިންނެެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި އެޓީމުގެ އިނގިރޭސި ފޯވާޑް އިވާން ޓޯނީ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް ޓޯނީ އެވެ.

އަލް ނަސްރުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޑިފެންޑަރު އަބްދުﷲ އަލް އަމީރީ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ވެސް އަމީރީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، އަލް އަހްލީ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ފަހުހާފުގެ 55 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެރީހް ޑެމިރަލް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލް އަހްލީގެ އަލީ މަޖްރާޝީގެ އިތުރުން އަލް ނަސްރުގެ ނަވާފް އަބްދުއްރަހްމާން ބުޝާލްއަށް ދެއްކި ރަތްކާޑާއެކު ދެޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

މިނަތިޖާއެކު ލީގުގައި ކުޅުނު 12 މެޗުން އަލް ނަސްރަށް 31 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އޮތް އަލް ހިލާލްއަށް 11 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޑަމަކް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލީގު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް މިހާރު ވަނީ ފަހިވެފައެވެ. އަދި މިމެޗުން މޮޅުވި އަލް އަހްލީ އިން ލީގުގައި ކުޅުނު 12 މެޗުން ހޯދި 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC