.jpeg&w=3840&q=75)
މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން ޒަކާތު ހައުސްއާއާ މީރާއާއި ދެމެދު އެއްބަސްވުމެއް!
# މުދަލު ޒަކާތް-
މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ ވަރަށް ތާރީޚީ އެއްބަސްވުމެއްކަމަށެވެ. ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ތަނުގައިވެސް ޒަކާތް ނެގުމުގެ މަސައްކަތް މީރާއިން ވަރަށް ހަރުދަނާ ގޮތެއްގައި ކުރައްވާފައިވާކަމަށާއި ޒަކާތުގެ ޤާނޫނު ތަންފީޒުވެގެންދާއިރު، މި މަސައްކަތް މިގޮތުގައި މީރާއިން ކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކިލައްވާކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޒަކާތުގެ ކަންކަމާއި ޞަދަޤާތް އަދި ވަޤްފުގެ ފައިސާ ނެގުމުގައި މީރާގެ ފަރާތުން ވުޒާރާއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް މީރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ޒަކާތުގެ ޤާނޫނު ތަންފީޒުވެގެންދާއިރު ޒަކާތު ކައުންސިލްގައި މީރާގެ ފަރާތުން ބޭފުޅަކު ހިމެނޭ ގޮތަށް ހަމަޖެހިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި މީރާއާއި ވުޒާރާގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައިވެރިއެެއްގެ ގޮތުގައި މީރާ ހިމެނިފައިވުމަކީ އެ އިދާރާއަށް ލިބިގެންދާ އުފަލެއްކަމަށާއި އަދި މި މަސައްކަތާއެކު މީރާއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާކަމަށް ޤަބޫލްކުރައްވާކަމަށެވެ. މީގެ އިތުރުން މީރާއިން މިކަމުގައި ކުރަމުންދާ މަސައްކަތުގައި، ދޭން ޖެހޭ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މުޅިން އަލަށް ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށް މާދަމާ ތަންފީޒުކުރުމަށް ފެށިގެންދާއިރު، މިއީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގައި ހިމެނިގެން ކުރެވޭ މުހިއްމު އަދި ތާރީޚީ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.







