
އެސްޓަން ވިލާ ހަމަބިމަށް ތިރިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި
# އާސެނަލް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# އެސްޓަން ވިލާއާސެނަލް އާއި އެސްޓަންވިލާ ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ހުރިހާ މުބާރާތެއްގައި އެސްޓަންވިލާ އިން އެންމެ ފަހުން ކުޅުނު 11 މެޗުން އެޓީމު މޮޅުވެފައިވާއިރު، ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ އިން ވަނީ 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮއްފައެވެ. އަދި އާސެނަލް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ.
މިލަނޑު އެޓީމުގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް ކާމިޔާބުކުރިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް އެވެ.
އެސްޓަން ވިލާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން އާސެނަލްއަށް 45 ޕޮއިންޓް ލިބިފައިވާއިރު، އަހަރު ނިމޭއިރު ތާވަލުގެ ކުރީގައި އޮވެވޭނެކަން އެޓީމަށް ވަނީ ކަށަވަރުވެފައެވެ. އަދި މިމެޗުން ބަލިވި އެސްޓަން ވިލާ އިން ލީގުގައި ކުޅުނު 19 މެޗުން ހޯދި 39 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
ގުޅުންހުރި

އެސްޓަން ވިލާ ހަމަބިމަށް ތިރިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި

ލީގުގައި ޖެހިޖެހިގެން 11 މެޗުން ބަލިވުމަށްފަހު ވުލްވްސް އިން ފުރަތަމަ ޕޮއިންޓް ހޯދައިފި

ޗެލްސީ އާއި ބޯންމައުތު އެެންމެ ފަހުން ވާދަކުރި ތިން މެޗު ވެސް އެއްވަރު





