
ޗެލްސީ އާއި ބޯންމައުތު އެެންމެ ފަހުން ވާދަކުރި ތިން މެޗު ވެސް އެއްވަރު
# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ# އިނގިރޭސި ޕްރިމިއާ ލީގު# ބޯންމައުތުޗެލްސީ އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން ޗެލްސީއަށް 30 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ބޯންމައުތަށް 23 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން ބަލިވެފައިވާއިރު، ލީގުގައި ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން އެޓީމު ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ދެމެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ.
ޗެލްސީގެ ސްޓޭފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖައި ކުރިހޯދީ ބޯންމައުތުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑޭވިޑް ބްރޫކްސް އެވެ.
ޗެލްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން މިޑްފީލްޑަރު ކޯލް ޕާމާ ކާމިޔާބުކުރިއިރު، އޭގެ އަށް މިނެޓުފަހުން އެޓީމުގެ ކެޕްޓަން އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ބޯންމައުތުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖަސްޓިން ކްލައިވެޓް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެޓީމުގެ ޒުވާން ފޯވާޑް އެސްޓެވާއޯ އަދި ކެޕްޓަން އެންޒޯ ފެނާންޑޭޒަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ގުޅުންހުރި

އެސްޓަން ވިލާ ހަމަބިމަށް ތިރިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި

ލީގުގައި ޖެހިޖެހިގެން 11 މެޗުން ބަލިވުމަށްފަހު ވުލްވްސް އިން ފުރަތަމަ ޕޮއިންޓް ހޯދައިފި

ޗެލްސީ އާއި ބޯންމައުތު އެެންމެ ފަހުން ވާދަކުރި ތިން މެޗު ވެސް އެއްވަރު





