
-
ފަންސަވީސްވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އިފުތިތާހުކޮށްފިއެވެ.

މި ކޭމްޕް އިފުތިތާހުކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.
ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކޭމްޕްގެ ކޮމާންޑަރ، ކެޕްޓަން މުޙައްމަދު މުސްޠަފާއެވެ. އަދި، ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ފަސްޓް ލެފްޓިނެންޓް އަޙްމަދު މަޢުމޫރެވެ. މީގެ އިތުރުން، ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު އަބޫބަކުރެވެ.
2025 ޑިސެންބަރު 27އިން ފެށިގެން 2026 ޖަނަވަރީ 8ވަނަ ދުވަހުގެ ނިޔަލަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުންނެވެ.
މި ކޭމްޕުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ފިޒިކަލް ޓްރެއިނިންގ، ވޯޓަރމަންޝިޕް، ޑްރިލް، ވެޕަން ޓްރެއިނިންގ އެންޑް ޝޫޓްސް، ބޭސިކް ފީލްޑް ކްރާފްޓް، ކޮމްބެޓިވްސް، ލީޑަރޝިޕް، ބޭސިކް ފަޔަރފައިޓިންގ، މެރިޓައިމް ސްޓަޑީޒް، ބޭސިކް ފީލްޑް ފަސްޓްއެއިޑް، އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ބައިތައް ހިމެނެއެވެ.
މި ކޭމްޕަކީ، އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ރާވާ އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގައި ހިމެނޭ ސްކޫލް ކެޑޭޓް ކޯރތަކުން ހޮވާލެވޭ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުންނަށް ހިންގޭ ކޭމްޕެކެވެ. މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނެވެ.
ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުމެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުމާއި ގައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުން ހިމެނެއެވެ.
ކޭމްޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންއާއި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

މިއަހަރުގެ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފެށިއްޖެ

"ޔަސާވާ ޕްރިންސަސް" ގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 25 ގަޑިއިރުން!

މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
.jpg&w=3840&q=75)




