logoEN
Sto top

މެންޗެސްޓާ ސިޓީ އާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު 18 މެޗުން މެންޗެސްޓާ ސިޓީއަށް 40 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ދެވަނައިގައި އޮތް އާސެނަލްއަށް ވުރެ އިތުރަށް އެއްމެޗު ކުޅެ ވަގުތީގޮތުން ތާވަލުގެ އެއްވަނައިގައެވެ. 17 މެޗުން ހޯދި 39 ޕޮއިންޓާއެކު އާސެނަލް ދެވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ފިރެސްޓުން ލީގުގައި ކުޅުނު 18 މެޗުން ހޯދި 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ވެސްޓްހަމް އަތުން މޮޅުވެފައިވާއިރު، ލީގުގައި ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.

ނޮޓިންހަމްގެ ސިޓީ ގުރައުންޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިނދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސިޓީ އިންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ތިޖާނީ ރެއިންޑަރސް އެވެ. ނަމަވެސް އޭގެ ހަތް މިނެޓުފަހުން ފޮރެސްޓްގެ ޒުވާން ފޯވާޑް އޮމާރީ ހަޗިންސަން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިމެޗުން މެންޗެސްޓާ ސިޓީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރަޔާން ޗާކީ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޖެސްކޯ ގްއާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC