
ނިއުކާސަލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ފަސްވަނައަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑް# ނިއުކާސަލް ޔުނައިޓެޑްނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގު ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ފަސްވަަނަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން ބަލިވެފައިވާއިރު، ލީގުގައި ނިއުކާސަލް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް ޔުނައިޓެޑުންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕެޓްރިކް ޑޯގޫ އެެވެ.
މެޗުގެ ދެވަނަ ހާފުގައި ނިއުކާސަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 18 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 29 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ނިއުކާސަލް އިން ލީގުގައި ކުޅުނު 18 މެޗުން ހޯދި 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑުން ނުކުންނާނީ ބާންލީ އާއި ދެކޮޅަށެވެ.







