
-
ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ޚާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުޞަތުތަކެކެވެ.
ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވުނު 30 މުވައްޒަފުންނަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އެކަމަނާގެ އިތުރުން މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑޮކްޓަރ ޢާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
"މިހާރުވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން މި ކުންފުނީގައި ދަނީ މަސައްކަތް ކުރަމުން. މި ފަރާތްތައް ހަވާސާ ނުކޮށް، މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމީ، ހަމަގައިމު ވެސް އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް. މިއަދު މިކުންފުންޏާއި މި ގުޅޭ 30 މުވައްޒަފުންނާއެކު، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންގެ ޖުމްލަ ޢަދަދު 80 އަށް އަރާނެ. މިއީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ބޮޑު ކުރިއެރުމެއް."
ޝަމާހް އިތުރަށް ވިދާޅުވީ، މިއަދު ވަޒީފާ ޙަވާލުކުރެވުނު މުވައްޒަފުންގެ ފަރާތުން މުޖުތަމަޢުއަށް ފައިދާތަކެއް ލިބި، އެފަރާތްތަކުގެ ޤާބިލުކަމާއި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ގޮސްފައިވާ ކަމަށާއި، ވަޒީފާގެ މާހައުލަކީ އެ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް، މުޖުތަމަޢުގައި އެ މީހުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު މަންސައެއް ކަމަށެވެ.
ސްޓެލްކޯއާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާލާފައިވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ޚިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭހެންނެވެ. މި 30 މުވައްޒަފުންނާއިއެކު ސްޓެލްކޯގައި މަސައްކަތްކުރާ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ އަދަދު 80 އަށް އަރާފައިވާއިރު އެ މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ވެސް ޚިދުމަތްކުރަމުންނެވެ.
ގުޅުންހުރި

ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި
.jpeg&w=3840&q=75)
ސިލޯނާއިއެކު ދިވެހީން: ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފި

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާ: އަނިޔާ ލިބުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް!





