
ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ފުރިހަމަކޮށްފި
# ސްޓެލްކޯ-
މިއަހަރު މުޅިން އަލަށް ކިޔަވައިދޭން ފަށާ ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ފުރިހަމަކޮށްފި އެވެ.

ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަކީ މާލެ ސަރަހައްދުގައި މިހާތަނަށް ތަރައްޤީކުރި އެންމެ ބޮޑު ސްކޫލެވެ.
ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނީން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން ކުލާސްރޫމްތަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޯޑްތައް ޓެސްޓްކޮށް ކަރަންޓް ވަޔަރިންގެ ސަލާމަތްތެރިކަން ޔަގީން ކުރަން ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވަނީ ފުރިހަމަކުރެވިފައިކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމީ ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، މި ސަރުކާރުން ބިނާކުރާ ފުރަތަމަ ޢިމާރާތަކީ ތަޢުލީމަށް ބިނާކުރެވޭ ޢިމާރާތަކަށް ހެދުމުގެ މަޤްސަދުގައި 23 ޑިސެމްބަރު 2023 ގައި ބިންގާ އެޅި މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރާ ދިމާކޮށް، 27 ޖެނުއަރީ 2026 ގައެވެ.
މި ސްކޫލް ހުޅުވުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިރިއުޅޭ ސަރަހައްދުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މާލެ ސަރަޙައްދުގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރެވޭ ސްކޫލެކެވެ.
1500 އެއްހާ ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.
ގުޅުންހުރި

އިތުރު ޖެނެސެޓެއް ކޮމިޝަންކޮށް މަތިވެރީގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ފުރިހަމަކޮށްފި

ޕީކް ސީޒަނަށް މާލޭ ސަރަޙައްދުގައި އިތުރު 15 ޖެންސެޓު ބަހައްޓަނީ





