
އަމާޒަކީ، ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން: ރައީސް
# މަސްވެރިކަން# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު # މަސްވެރިންގެ ދުވަސް# ރައީސުލް ޖުމްހޫރިއްޔާފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެމަނިކުފާނު ކުރެއްވި މެސެޖުގައި ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ފާހަގަކުރައްވާފައެވެ.
އަދި ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދަ އާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން ކަމަށެވެ.
އަދި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް އެމަނިކުފާނުގެ އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.ރައީސްގެ މެސެޖު ނިންމަވާލެއްވީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މި ދަންނަވަނީ، މާތްﷲގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމުންނެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ކުލަ ގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވަނީ ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.







