
ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ
# އިސްތަންބޫލް# ރާއްޖެ - ތުރުކީ# ވިޒިޓް މޯލްޑިވްސް# މިފްކޯފޮޓޯ: ޚާރިޖީ ވުޒާރާ
ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވިލަރެސްކޮށްގެން ދިވެހިރާއްޖޭގެ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ދިޔަ މަހުގެ 26 އިން 29އަށް ތުރުކީގެ އިސްތަންބޫލްގައި ބޭއްވި 10 ވަނަ ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ.
މި ދެ އެކްސްޕޯއާ އެކު ބޭއްވި 11 ވަނަ ވޯލްޑް ހަލާލް ސަމިޓްގައި ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނަންޓް ޖެނެރަލް (ރޓޑ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި އެމަނިކުފާނުގެ އަރިހުގައި އެމްބަސީގެ ބައެއް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދެ އެކްސްޕޯގައި ރާއްޖެއިން ޤާއިމްކޮށްފައިވާ ސްޓޭންޑުތަކުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މިދާއިރާއާ ގުޅުންހުރި ފުރުޞަތުތައް ހިއްސާކޮށް، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ތަޖުރިބާ ކުރެވޭނެ ލަގްޒަރީ މަންޒިލެއްގޮތުގައި ވަނީ އިޝްތިހާރުކޮއްފައެވެ.
އަދި އައްޑޫ ސިޓީގެ ފަތުރުވެރި ވިޔަފާރިތަކާ ގުޅުންހުރި މަޢުލޫމާތާއި، ރާއްޖޭގެ ސަގާފަތާ، އައްޑޫ ސިޓީގެ ރަށްރަށާއި ގުޅުންހުރި މަޢުލޫމާތާއި، އުފެއްދުންތަކާއި މި ދާއިރާތަކުން ހުރި ފުރުޞަތުތައް ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކާ ވަނީ ހިއްސާކޮއްފައެވެ.

މީގެ އިތުރުން، މިފްކޯއިން އުފައްދާ އުފެއްދުންތައް ދައްކާލާ، އެކްސްޕޯއަށް ޒިޔާރަތް ކުރި ފަރާތްތަކަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާ، މިފްކޯގެ ވިޔަފާރި ބައިނަލްއަޤްވާމީ މާކެޓުތަކަށް ފުޅާކުރުމަށާއި، ވަކީން ޚާއްސަކޮށް ތުރުކީގެ މާކެޓުތަކަށް މިފްކޯގެ ވިޔަފާރި ތަޢާރަފުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.
ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގެ ތެރެއިން ބޭއްވި "އިންޓަނޭޝަނަލް ކޯޕަރޭޝަން އިން ޑިޕްލޮމަސީ، ހެލްތް އެންޑް ޓޫރިޒަމް" ޕެނަލްގައި ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ތުރުކީގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކުރާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެގޮތުން އެކްސްޕޯގެ ބައިވެރިންގެ ތެރެއިންނާއި އިސްތަންބުލްގެ އެކިފަރާތްތަކާ ސަފީރު ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
އަހަރަކު އެއްފަހަރު ބާއްވާ ވޯލްޑް ހަލާލް ސަމިޓާއި، ހަލާލް އެކްސްޕޯ އަކީ ތުރުކީގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ކަމާބެހޭ ޖަމިއްޔާއެއް ކަމަށްވާ ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީ އިންސްޓިޓިއުޓް ފޯ އިސްލާމިކް ކަންޓްރީސް (އެސް.އެމް.އައި.އައި.ސީ) އާއި ކަމާބެހޭ އެހެން އޯ.އައި.ސީ. ޖަމިއްޔާތަކާ ގުޅިގެން 100 އަށްވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ ވިޔަފާރިތަކާއި، ތަޖުރިބާކާރުންނާއި ހިއްސާދާރުން ބައިވެރިވެގެން ތުރުކީގެ ޑިސްކަވަރ އިވެންޓްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ވެސް ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ދެއްވާފައެވެ.
ގުޅުންހުރި

10 ޑިސެމްބަރުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮކުރަނީ

ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖެ އިޝްތިހާރު ކުރުމަށް ލަންޑަންގައި ޓެކްސީ ކެމްޕޭނެއް ފަށައިފި





