.jpg&w=3840&q=75)
ލީގުގައި އިސާކް ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު ލިވަޕޫލުން ވެސްޓްހަމް ބަލިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ލިވަޕޫލް# ވެސްޓްހަމް ޔުނައިޓެޑްއެލެގްޒެންޑާ އިސާކް
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވެސްޓްހަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެފައިވާއިރު، ވެސްޓްހަމް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލިވަޕޫލުން ލީޑުހޯދީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި ނިއުކާސަލް ޔުނައިޓެޑުން 125 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއެއްގައި އެޓީމާއި ގުޅުނު ސްވިޑެންގެ ފޯވާޑް އެލެގްޒެންޑަރ އިސާކް އެވެ. އަދި މިއީ ޕްރެމިއާ ލީގުގައި ލިވަޕޫލަށް ކުޅެދިން ހަ މެޗުގައި އިސާކް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ވެސްޓްހަމްއަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ގާތްގާތުގައި ދެއްކި ދެ ރީނދޫކާޑާއެކު އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކުއެޓާއަާށް މެޗުގެ 84 ވަނަ މިނެޓުގައި ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކޯޑީ ގައްޕޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި މިއީ މިދެޓީމު ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވި 15ވަނަ މެޗެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން ލިވަޕޫލަށް 21 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމް އިން ލީގުގައި ކުޅުނު 13 މެޗުން ހޯދި 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.
ލީގުގައި ލިވަޕޫލަށް ކުރިއަށް އޮތީ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވެސްޓްހަމް އިން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.







