
މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރި 2 މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފި
# ރާއްޖޭގެ ފަތުރުވެރިކަން-
މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރި ދެ މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރާއްޖެއަށް ދެމިލިއަންވަނަ ފަތުރުވެރިއަކަށް އައިސްފައިވަނީ މިސް ބެތަނީ ސާރާ ކާރސްވެލް އެވެ. މިއީ މިސް ބެތަނީ ސާރާ ކާރސްވެލްއާއި އޭނާގެ ފިރިމީހާ ރާއްޖެއަށް ހަނީމޫންއަށް ކުރި ދަތުރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން ވަނީ މިސް ކާރސްވެލް އަށް ހޫނު މަރުހަބާއެއް ކިޔާފައި އެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މިއަދު ދިވެހިރާއްޖެއަށް 2 މިލިއަންވަނަ ފަތުރުވެރިޔާ އައިސްފައިވާ ކަމީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މި އަހަރުގެ ފަތުރުވެރިކަމުގެ ލަނޑުދަނޑި ހާސިލުކުރެވުނުކަން ފާހަގަކޮށް، މި ކާމިޔާބީގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
އެގޮތުން މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ބައިވެރިންނަށް އޭގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކާއި ޓްރެވަލް އެޖެންސީތަކާއި، މި ދާއިރާގައި މަސައްކަތްކުރާ ކޮންމެ ފަރުދަކަށް ހިތުގެ އިހުލާސްތެރިކަމާއެކު ތަހުނިޔާ ކިޔާކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާ ހަރުފަތަކަށް ގެންގޮސްދިން މުހިންމު ކާމިޔާބީއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމި އޮތުމަށް މިކާމިޔާބީން އިތުރު ބާރެއް ލިބިގެންދާނެކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.







