
ތިން ލަނޑުގެ ތަފާތަކުން ލިވަޕޫލް، ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެއްޖެ
# ޕީއެސްވީ # ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# ލިވަޕޫލްލިވަޕޫލް އާއި ޕީއެސްވީ ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސްގެ ޕީއެސްވީ އާއި ވާދަކޮށް 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ. އަދި ހުރިހާ މުބާރާތެއްގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެޓީމު ބަލިވެފައިވާއިރު، މިއީ ތިންލަނޑުގެ ތަފާތަކުން އެޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޕީއެސްވީ އިން އެންމެ ފަހުން ކުޅުނު މެޗުގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިވަޕޫލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްވީ އިންނެވެ. މިލަނޑު މެޗު ފެށިގެން ހަވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޕޯވާޑް އިވާން ޕެރަސިޗް އެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޮމެނިކް ސްބޮސްލާއި އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްވީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމު މޮރޮކޯ ފޯވާޑް ސުހެއިބް ޑްރުއެޝް ދެލަނޑު ކާމިޔާބުކުރިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ މިޑްފީލްޑަރު ގުސް ޓިލް އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ޕީއެސްވީއަށް އަށް ޕޮއިންޓް ލިބިފައިވާއިރު. އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.




.jpg&w=3840&q=75)


