
ފަސޭހަކަމާއެކު ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އާސެނަލް# އިނގިރޭސި ޕްރިމިއާ ލީގު# ޓޮޓެންހަމްއާސެނަލްގެ ކުޅުންތެރިން ޓޮޓެންހަމް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން އާސެނަލްއަށް 29 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ދެވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 12 މެޗުން ހޯދި 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޓޮޓެންހަމް އިން އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި ދެވަނަ ހާފުގައި އާސެނަލް އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓޮޓެންހަމް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު އެބެރިޗީ އެޒޭ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް އެވެ. މީގެ އިތުރުން މިމެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު އެޓީމުގެ ބްރެޒިލް ފޯވާޑް ރިޗާލްސަން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާސެނަލްގެ އެޒޭ އެވެ.



.jpg&w=3840&q=75)



