
ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ބިޔަ މަޝްރޫއު ސަރުކާރުން އިފްތިތާހްކޮށްފި
# ހައުސިންގ މިނިސްޓްރީ-
ދިވެހި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގްރޭޓަރ މާލެ ސަރަހައްދުންނާއި އަލަށް ތަރައްޤީކުރާ ރަސްމާލެއިން ޖުމްލަ 7500 ހައުސިންގ ޔުނިޓާއި 15000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށް އިއުލާންކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވައުދު ކަމުގައިވާ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ކަމުގައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ އާއިލާއަކީވެސް އަބުރުވެރި ކަމާއެކީ ދިރިއުޅެވޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާ އާއިލާއަކަށް ހެދުމެވެ. މި ޕްރޮގްރާމުގެ ދަށުން ދެ ސްކީމެއް ވަނީ ތަޢާރަފް ކޮށްފައެވެ.
އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ ސްކީމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ބިން ދިނުމުގެ ސްކީމެވެ. މި ދެ ސްކީމަށްވެސް މާލޭގެ ރަށްވެހިންނަށާއި މާލެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނެއެވެ.
ފްލެޓް ދޫކުރުމުގެ އުޞޫލުގެ ދަށުން ދެ މޮޑެލްއެއް ވެސް ވަނީ ތަޢާރަފް ކޮށްފައެވެ. އެއީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލްއާއި ރެންޓް-ޓު-އޯން މޮޑެލްއެވެ. މި ދެ މޮޑެލްއަކީވެސް ގެދޮރު މިލްކުކުރެވޭ މޮޑެލްތަކެކެވެ.
މިކަމާ ގުޅޭގޮތުން، "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ އުޞޫލު" އާއި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދިނުމުގެ އުޞޫލު" މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ދެ އުޞޫލުގައިވެސް އެ ސްކީމްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ހިމެނިފައިވާނެއެވެ.
ގުޅުންހުރި

ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ބިޔަ މަޝްރޫއު ސަރުކާރުން އިފްތިތާހްކޮށްފި

ކުލި ނުދައްކާ މައްސަލައާއި ބޮޑުއަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ގާނޫނުގައި ހިމަނައިގެންވިޔަސް ހައްލުކުރާނަން - މުއްތަލިބު

ބިންވެރިޔާ ސްކީމް: ގުޅިފަޅުން ދޫކުރާ ގޯތިތަށް ވެރިފަރާތްތަކާ ޙަވާލުކުރަން ފަށައިފި





