logoEN
Sto top
ފޮރެސްޓާއި އެއްވަރުވެ ޔުނައިޓެޑުން ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު ނަގާލައިފި

ފޮރެސްޓާއި އެއްވަރުވެ ޔުނައިޓެޑުން ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު ނަގާލައިފި

ހަސަން ޝަމްއޫން

logo

11/1/2025, 4:56:04 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް# ނޮޓިންހަމް ފޮރެސްޓް # އިނގިރޭސި ޕްރިމިއާ ލީގު

ކަސަމީރޯ ފޮރެސްޓް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ތާވަލުގެ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ޔުނައިޓެޑުން ނަގާލައިފިއެވެ.

Wamco

ޕްރެމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ބޯންމައުތު އަތުން ބަލިވެފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-2 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޮރެސްޓް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކާލޯސް ކަސަމީރޯ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ފޮރެސްޓުން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މިހާފު ފެށިގެން ފުރަތަމަ ފަސް މިނެޓް ތެރޭގައި އެޓީމުން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި މޯގަން ގިބްސް ވައިޓް ކާމިޔާބުކުރިއިރު، އޭގެ ދެމިނެޓް ފަހުން އެޓީމަށް ލީޑު ހޯދައިދިނީ ޑިފެންޑަރު ނިކޮލޯ ސަވޯނާ އެވެ.

މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން ފޮރެސްޓް ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހުހާފުގެ 81 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަމަޑް ޑިއާލޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 17 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 10 މެޗުން ފޮރެސްޓަށް ހަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC