
ވުލްވުސް ބަލިކޮށް އީއެފްއެލް ކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ކަށަވަރުކޮށްފި
# އީއެފްއެލް# ބޭރު ދުނިޔޭގެ ކުޅިވަރުޗެލްސީ އާއި ވުލްވުސް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ލީގުކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތުގެ ކުއާޓާ ފަައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ހަަތަރުވަނަ ބުރުން ޗެލްސީ ޖާގަހޯދީ ރަށުން ބޭރުގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ލިންކަން 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ވުލްވްސް މުބާރާތުގެ ހަަތަރުވަނަ ބުރުން ޖާގަހޯދީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޕްރެމިއާ ލީގުގެ އެވަޓަން ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވުލްވްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޗެލްސީ އިން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޗެލްސީގެ އެސްޓެވާއޯ، އަންދަރޭ ސަންތޯސް، ޓަރީކް ޖޯޖް، ޖޭމީ ގިޓެންސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިއީ އެއްވެސް މުބާރާތެއްގައި ޕްރެމިއާ ލީގު ކުލަބެއްގެ 21 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއަކު އެއްމެޗެއްގައި ލަނޑުޖެހި ފުރަތަމަ މެޗެވެ.
މީގެ އިތުރުން މިމެޗުގައި ވުލްވްސްގެ ނޯވޭ ޑިފެންޑަރު ޑޭވިޑް މޮލާ ވުލްފް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއްލަނޑު ކާމިޔާބުކޮށްދިނީ ނައިޖީރިއާ ފޯވާޑް އެމެނުއެލް އެރެކޮޑޭއާ އެވެ. އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޗެލްސީގެ އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕްއަށް ދެވަނަ ރީނދޫ ކާޑާއެކު މެޗުގެ 86 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެލްސީ އިން ނުކުންނާނީ އިނގިރޭސި ދެވަނަ ޑިވިޝަންގެ ކާޑިފް ސިޓީ އާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ ކާޑިފް ސިޓީގެ ދަނޑުގައެވެ.
ގުޅުންހުރި

ޕެލަސް އަތުން ބަލިވެ އީއެފްއެލް ކަޕްގެ ހަތަރުވަނަ ބުރުން ލިވަޕޫލް ކަޓައިފި

ވުލްވުސް ބަލިކޮށް އީއެފްއެލް ކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ކަށަވަރުކޮށްފި

ރެއާލްގެ ދަނޑުގައި މިފަހަރު ޔަމާލްގެ ޖާދޫ ދެއްކޭގޮތެއްނުވި





