








--
ޅ ކުރެންދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު ޅ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް އެމަނިކުފާނު ވަޑައިގެންނެވުމާއިއެކުގައި އެވެ.
އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އެވެ. އަރިހުގައި ކުރެންދޫ ކައުންސިލްގެ ރައީސް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަދި އެދާއިރާގެ މަޖިލިސް މެމްބަރު ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއިއެވެ.
ކުރެންދޫ ފިޓްނެސް ސެންޓަރު ހިމެނޭހެން ކުޅިވަރުގެ 28 މަޝްރޫޢުއެއް ކުރިއަށްގެންދަން ސަރުކާރުން ފެނަކަ ކޯޕަރޭޝަންއާއެކު ސޮއިކުރީ މިދިޔަ މާޗު މަހުގެ ފަހުކޮޅު އެވެ.
މި ހުރިހާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތްކުރަމުން އަންނައިރު، ދެ އަހަރުގެ ތެރޭގައި ހުރިހާ މަޝްރޫޢުއެއް ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެވެ.