
ބްރެންޓްފޯޑް އަތުން ބަލިވެ ޗެންޕިއަން ލިވަޕޫލް ހަވަނައަށް ވެއްޓިއްޖެ
# އިނގިރޭސި ޕްރިމިއާ ލީގު# ބްރެންޓްފޯޑް # ބޭރު ދުނިޔޭގެ ކުޅިވަރު# ލިވަޕޫލްލިވަޕޫލާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެންޕިއަން ލިވަޕޫލް ބަލިވެފައިވާއިރު، މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން ބްރެންޓްފޯޑަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައިވާއިރު، ބްރެންޓްފޯޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބްރެންޓްފޯޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑެންގޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކެވިން ޝޭޑް އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މިލޯސް ކަރެކޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.
މެޗު ދެވަނަ ހާފުގައި ބްރެންޓްފޯޑުން ވަރުގަދަކޮށް ފެށިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 60 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އިގޯ ތިއާގޯ އެވެ. އަދި ލިވަޕޫލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.







