logoEN
Sto top
މޮޅަށް ކުޅުނު ޗެލްސީ ފަހުވަގުތު ސަންޑަލޭންޑް އަތުން ބަލިވެއްޖެ

މޮޅަށް ކުޅުނު ޗެލްސީ ފަހުވަގުތު ސަންޑަލޭންޑް އަތުން ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

10/25/2025, 5:08:45 PM

# ސަންޑަލޭންޑް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ޗެލްސީ

ސަންޑަލޭންޑްގެ ކުޅުންތެރިން ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ.

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަށް ޗެލްސީ އިން މޮޅު ކުޅުމެއްދެއްކި ނަމަވެސް މެޗުގެ އިތުރުވަގުތުގެ ތެރޭގައި ސަންޑަލޭންޑުން ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ބަލިވެ ލީގުގެ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު ޗެލްސީ އިން ނަގާލައިފިއެވެ.

Wamco

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

މުޅި މެޗުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ގަނާޗޯ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސަންޑަލޭންޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ވިލިއަމް އިސިޑޯއެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް ތަލްބީ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން ސަންޑަލޭންޑަށް 17 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC