
ސީޒަނުގެ ފުރަތަމަ 12 މެޗު ކާމިޔާބުކޮށް ބަޔާން މިޔުނިކުން ރެކޯޑް ހަދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ބަޔާން މިއުނިކް# ކުލަބު ބުރޫޖް# ޔުއެފާ ޗެމްޕިއަންސްލީގުހެރި ކޭން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުލަބު ބުރޫޖް ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ބަލިކޮށް ބަޔާން މިޔުނިކުން މިސީޒަނުގެ ހުރިހާ މުބާރާތެއްގައި އެޓީމު ކުޅުނު ފުރަތަމަ 12 މެޗު ކާމިޔާބުކޮށް އެޓީމުގެ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ޗެންޕިއަންސް ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު މެޗުގައި ސައިފްރަސްގެ ޕަފޯސް އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ކުލަބް ބުރޫޖް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ އެޓަލާންޓާ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. އެމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ބަޔާން މިޔުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ. އަދި ވަނަ ހާފުގައި އެޓީމުން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބަޔާން މިޔުނިކްގެ އުމުރުން 17 އަހަރުގެ މިޑްފިލްޑަރު ލެނާޓް ކާލް، ހެރީ ކޭން، ލުއިސް ޑިއާޒު އަދި ނިކޮލަސް ޖެކްސަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަޔާން މިޔުނިކްގެ ޒުވާން މިޑްފިލްޑަރު ލެނާޓް ކާލް އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ބަޔާން މިޔުނިކް އޮތްއިރު، މިމެޗުން ބަލިވި ކުލަބް ބުރޫޖް އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 20 ވަނައިގައެވެ.