
ހާލަންޑަން އެންމެ ފަހުން ކުޅުނު 12 މެޗުގައި ލަނޑުޖަހައި ރޮނާލްޑޯގެ ރެކޯޑާއި އަރައި ހަމަކޮށްފި
# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# ވިލަރެއާލްއެރްލިންގް ހާލަންޑް
ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ސްޕެއިންގެ ވިލަރެއާލް އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް ވަނީ ކުލަބަށާއި ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 12 މެޗުގައި ލަނޑުޖަހާފައެވެ.

މިއާއެކު ހުރިހާ މުބާރާތެއްގައި ކުލަބަށާއި ގައުމީ ޓީމަށް ވިދިވިދިގެން 12މެޗުގައި ލަނޑު ޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑް ހަދާފައިވާ ރެކޯޑާއި ހާލަންޑް ވަނީ އަރައި ހަމަކޮށްފައެވެ. އަދި މި 12 މެޗުގައި އޭނާ ވަނީ ޖުމްލަ 22 ލަނޑު ކާމިޔާބުކޮށްފައެވެ.
ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި މޮނާކޯއާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ޔުވެންޓަސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، މިމެޗުން ބަލިވި ވިލަރެއާލް އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 30 ވަނައިގައެވެ.
ގުޅުންހުރި

މެޗުގެ ބޮޑުބައި 10 ކުންތެރިންނާއެކު ކުޅުނު އޮލިންޕިއާކޯސް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ފަސޭހަކަމާއެކު އެތްލެޓިކޯ ބަލިކޮށް އާސެނަލް އިން ފެންވަރު ދައްކާލައިފި

ހާލަންޑަން އެންމެ ފަހުން ކުޅުނު 12 މެޗުގައި ލަނޑުޖަހައި ރޮނާލްޑޯގެ ރެކޯޑާއި އަރައި ހަމަކޮށްފި
