
ދާރުލްއާސާރު ތަރައްޤީކުރުމުގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެ - ވަޒީރު
# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ-
ޤައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މި ސަރުކާރުން ކުރަމުން މިދާ ޤައުމީ ދާރުލްއާސާރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ ދާރުލްއާސާރު ހުރި އިމާރާތުގެ އެތެރެއާއި އިމާރާތުގެ ބޭރު ސަރަޙައްދާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން، އާސާރުގެ ގޮތުގައި ހިމެނޭ އެތައް އެއްޗެއް ދާރުލްއާސާރު ހުންނަ އިމާރާތުގެ ބޭރުގައި ވެސް އާސާރުގެ ގޮތުގައި ދައްކަން ބެހެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރަޙައްދާއި ޤައުމީ ދާރުލްއާސާރު ހުންނަ އިމާރާތަށް އިތުރު ތަރައްޤީ ގެނައުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި، ކުރިން އެތަނުގައި ހުރި އެތައްބައިވަރު ކުންޏެއް ވަނީ ނަގައި އުކާލެވިފައެވެ. ވަޒީރު ވިދާޅުވީ، ކުނި ކަމަށް ކަނޑައަޅަން ޖެހޭ ތަކެތި އެއީ ނައްތާލަންޖެހޭ ކުނި ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލާފައިވަނީ ވެސް މި ދެންނެވުނު ޤާނޫނާއި ގަވާއިދާއި އުސޫލާ އެއްގޮތްވާގޮތުގެ މަތީން ކަމުގައި ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދާރުލްއާސާރުގެ އެތެރެއިން އުކާލެވުނު ކުނި ހުރީ އާސާރީ ތަކެތި ހުންނަ ބަޔަކު ނޫންކަމަށާއި، ދާރުލްއާސާރު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާނެ ކަމަށެވެ.
ގުޅުންހުރި

ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

ދިވެހި ތަރިކައިގެ ދާއިރާއިން 40 ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ހަވާލުކޮށްފި

ދާރުލްއާސާރު ތަރައްޤީކުރުމުގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެ - ވަޒީރު
-1754537238044.webp&w=3840&q=75)




