
20 އަހަރުންދަށުގެ ވޯލްޑްކަޕް މޮރޮކޯ އިން ކާމިޔާބުކޮށްފި
# 20 އަހަރުންދަށުގެ ވޯލްޑްކަޕް# ބޭރު ދުނިޔޭގެ ކުޅިވަރުމޮރޮކޯގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..ފޮޓޯ: ފީފާ
ޗިލީގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިމުބާރާތް ހަ ފަހަރަށް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް މޮރޮކޯ އިން މުބާރާތުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން އާޖެންޓީނާ ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކުރުމަށްފަހު އެވެ. އަދި މޮރޮކޯ އިން ފައިނަލުގެ ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ފްރާންސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ މެރުމަށް ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާޖެންޓީނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި މޮރޮކޯ އިން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ފޯވާޑް ޔާސިރު ޒަބީރީ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޒަބީރީ އެވެ. އަދި މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން މޮރޮކޯގެ ގޯލަށް 13 ހަމަލާއެއް ފޮނުވާލާފައިވާއިރު، މިހާފުގައި މޮރޮކޯ އިން ވަނީ ރޭވުންތެރިކަމާއެކު އެޓީމުގެ ލީޑު ދިފާއުކުރުމުގައި މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.
ރޭކު ކުޅުނު މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި 1-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް ކޮލަމްބިއާ އިން ތިންވަނަ ކަށަވަރުކުރިއިރު، އެޑިޑާސް ގޯލްޑަން ބޯލް ކާމިޔާބުކުރީ މޮރޮކޯގެ އޮތުމާނޭ މާމާޑިޑާސް އެވެ. އަދި ސިލްވަރ ބޯލް މޮރޮކޯގެ ޔާސިރު ޒަބީރީ ކާމިޔާބުކުރިއިރު އަޑިޑާސް ބްރޯންޒް ބޯލް ލިބުނީ އާޖެންޓީނާގެ މިލްޓަން ޑެލްގާޑޯ އަށެވެ. އަދި މުބާރާތުގެ ގޯލްޑަން ގްލޯވް ކާމިޔާބުކުރީ އާޖެންޓީނާގެ ކީޕަރު ސެންޓީނޯ ބާބީ އެވެ.