logoEN
Sto top
ޗެންޕިއަން ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން  އާސެނަލް އާއި ދެމެދުގައިވާ ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފި

ޗެންޕިއަން ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން އާސެނަލް އާއި ދެމެދުގައިވާ ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

10/19/2025, 2:28:16 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް# ލިވަޕޫލް# އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެންޕިއަން ލިވަޕޫލް 2-1 ގެ ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މިލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ފޯވާޑް ބަރަޔަން އެމްބޫމޯ އެވެ. މިއީ އެޓީމުގެ އައިވަރީކޯސްޓް ފޯވާޑް އަމަޑް ޑިއާލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ އެެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން މިކުތް އެޓީމުގެ އިޓަލީ ފޯވާޑް ފެޑަރީކޯ ކިއޭސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ހަ މިނެޓް ފަހުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑުހޯދާފަައެެވެ. މިލަނޑު އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 13 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުގައި ކުޅުނު އަށް މެޗުން ހޯދި 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިއީ ލީގުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC