
ރަށުން ބޭރުގައި ފޮރެސްޓް އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް
# ޗެލްސީ# ނޮޓިންހަމް ފޮރެސްޓް # ބޭރު ދުނިޔޭގެ ކުޅިވަރު # އިނގިރޭސި ޕްރިމިއާ ލީގުފޮރެސްޓް ކޮޅަށް ލަނޑުޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ފޮރެސްޓް ބަލިކޮށް ޗެލްސީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިނަތީޖާއެކު ލިގުގައި ކުޅުނު އަށް މެޗުން ޗެލްސީއަށް 14 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓް ލީގުގައި ކުޅުނު އަށް މެޗުން އެޓީމަށް ލިބުނު ފަސް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.އަދި މިނަތީޖާއެކު ފޮރެސްޓުން ވަނީ އެޓީމުގެ ކޯޗު މަގާމުން ވަކިކޮށްފައެވެ
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ރަށުން ބޭރުގައި އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ވަނީ ދެވަނަ ފާހުގެ ކުރީކޮޅު ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން ޗެލްސީގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިންގެން ހަތަރުވަނަ މިނެޓުގައި އެޓީމުގެ ޒުވާން ޑިފެންޑަރު ޖޯޝް އަޗެންޕޮންގް ކާމިޔާބުކުރިއިރު އެޓީމުގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ފޯވާޑް ޕެޑްރޯ ނެޓޯ އެވެ.
މިމެޗުގައި ޗެލްސީ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކެޕްޓަން ރީސް ޖޭމްސް ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓް ފަހުން އެޓީމުގެ ޑިފެންޑަރު މަލޯ ގުސްޓޯއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ވަނީ ދަނޑު ފޮނުވާލާފައެެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.