
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިރޭވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ވަނީ ދެ ހުދު ސަމާލެއް ނެރެފައި އެވެ. އެގޮތުން މިރޭގެ 00:00 ގެ ނިޔަލަށް ހއ އިން ފެށިގެން ވ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭގެ 03:00 ގެ ނިޔަލަށް ހުދު ސަމާލު ވަނީ ނެރެފައި އެވެ.
ހއ އިން ވ އަތޮޅާއި ހަމައަށް ނެރުނު ހުދު ސަމާލުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމުގެ އިތުރުން ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ނެރެފައިވާ ހުދު ސަމާލުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާދީއްތަ ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ހޯމަދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެއިދާރާއިން ބުނެއެވެވެ.
ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.