
-
ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވުމުން ސިފައިންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މުޅި ރާއްޖެއަށް ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެކަމާއި، އަދި ޚާއްޞަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.