
-
ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާޜާއިން ހުދު ސަމާލު ނެރެފައިވަނީ ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއިހަމައަށް މިއަދުގެ 15:00 އިން ފެށިގެން މިރޭގެ 21:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިއްޔެ ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެއިދާރާއިން ބުނެއެވެވެ.
ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.