
މާލެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދިގެން ދާއިރު ކައުންސިލްގެ ބައިވެރިވުމެއްނެތި ކުރިއަށް ނުގެންދިއުމަށް ޢާޒިމް އެދިވަޑައިގެންފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީ ސަރަހައްދުގެ އެއްވެސް ބިމަކަށް ލޭންޑް ޔޫސް ޕްލޭނެއް ހެދިގެން ދާއިރު މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުމެއްނެތި ކުރިއަށް ނުގެންދިއުމަށް މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންފި އެވެ.

މޭޔަރ ޢާޒިމް މިކަމަށް އެދިވަޑައިގެންނެވީ މާލެ ސިޓީ ހޯލްގައި އާދިއްތަ ދުވަހު އޮތް މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރިވިޝަން މަސައްކަތުގައި ހިމެނޭ ފުރަތަމަ ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުން ފައްޓަވާދެއްވުމުގެ ގޮތުންނެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދިގެން ދާއިރު ކައުންސިލްގެ ބައިވެރިވުމެއްނެތި ކުރިއަށް ނުގެންދިއުމަށެވެ. "އެއީ ހުޅުމާލެ ކަމުގައި ވިޔަސް، ގުޅީފަޅު ވިޔަސް، ތިލަފުށި ކަމުގައި ވިޔަސް، އަދި އުތުރު ތިލަފަޅު ނުވަތަ ގިރާވަރު ފަޅު ކަމުގައި ވިޔަސް. މި ގޮތް ހިޔާރު ނުކޮށް ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން ހެދުމުން، އެ ރަށުގައި ދިރިއުޅުމަށް ގޯތި ލިބިފައިވާ މާލޭގެ ރައްޔިތުންގެ ނުހަނު ގިނަ ކަން ބޮޑުވުންތައް ހުރި." ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ޕްލޭނިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މިހާރު ކުރެވިފައި ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި މި މަސައްކަތައް ބޭނުން މުހިންމު ގިނަ މައުލޫމާތު ވަނީ އެއްކުރެވިފައި ކަމަށެވެ.
މާލެ ސިޓީގެ ބިމުގެ ދަފްތަރު މިހާރު ވާނީ އެކުލަވައިލައި ޖީ.އައި.އެސް ޕްލެޓްފޯރމެއް މެދުވެރިކޮށް، އާންމުންގެ ކޮމެންޓް ހޯދުމަށް ހުޅުވާލެވިފައި ވާ ކަމަށް ފާހަގަ ކޮށް މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ދަފްތަރުގައި ހިމެނޭ ކައުންސިލްގެ ބިންތައް ބޭނުން ކުރެވެމުންދާގޮތް މިހާރު ވާނީ އެއް ޑޮކިއުމެންޓައް ގެނެވިފައި ކަމަށެވެ. އަދި އެ ޑޮކިއުމެންޓް މިދިޔަ ހަފްތާގައި ކައުންސިލަރުންނާއި ވަނީ ހިއްސާކޮށްފައި ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ. " ގާނޫނުގައި ބުނާ މިންވަރަށް ވުރެއް މަދުނޫން މިންވަރަށް މި ދަފްތަރު ޖީ.އައި.އެސް ޕްލެޓްފޯރމަށް އަޕްލޯޑް ކުރެވިގެންދާނެ. މި މައުލޫމާތުގެ ތެރޭގައި، ބިންތަކާއި، އިމާރާތްތަކާއި، މާރކެޓް ގޮޅިތަކާއި، ފައްތިޔާތައް ކުއްޔަށް ދޫކުރެވިފައިވާ ގޮތް ހިމެނޭހެން އާންމު ކުރެވިގެންދާނެ." ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މިހާތަނަށް ކޮށްފައި މިވާ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ކައުންސިލްގެ ހުރިހާ މުއައްޒަފުންގެ ބުރަ މަސައްކަތް ފާހަގަ ކުރާ ކަމަށެވެ. އަދި ހާއްސަކޮށް ކައުންސިލްގެ އަރބަން ޕްލޭނަރގެ ހައިސިއްޔަތުން، ޝެރަޓް ސްޓޫޑިއޯގެ ޓީމުން މާލެ ސިޓީގެ ޕްލޭނިންގ މަސައްކަތުގައި ކޮށްދެއްވަމުން އަންނަ މުހިންމު މަސައްކަތް ފާހަގަކޮށް މޭޔަރ ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ސްޓޭކް ހޯލްޑަރުންނާއި މަދަނީ ޖަމިއްޔާތަކަށާއި އަމިއްލަ ފަރުދުންނާއި ކައުންސިލްގެ އިސްވެރިންގެ އިތުރުން މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގުޅުންހުރި

ދެމަސް ދުވަހުގެ ތެރޭގައި މާލޭގައި 2702 ގަސް އިންދައިފި

މާލެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދިގެން ދާއިރު ކައުންސިލްގެ ބައިވެރިވުމެއްނެތި ކުރިއަށް ނުގެންދިއުމަށް ޢާޒިމް އެދިވަޑައިގެންފި

ބަލިމީހުން އުފުލުމުގެ ޚިދުމަތް، ފުޅާ ދާއިރާއެއްގައި ދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށް ސިޓީ ކައުންސިލާއި ރެޑްކްރެސެންޓާއި ދެމެދު އެއްބަސްވުމެއް!
