
ޒަމާންތަކަކަށްފަހު ގަލޮޅަށް ފިނި މައިޒާނެއް: ގަލޮޅު ސިޓީ ޕާކު ރަސްމީކޮށް ހުޅުވައިފި
# މާލެ ސިޓީ ކައުންސިލް-
ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ގަލޮޅުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އުންމީދުތަކުގައި ކުލަޖައްސައިދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިސްނަންގަވައިގެން ކުރިއަށް ގެންދެވި މުހިންމު މަޝްރޫއެކެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހު ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، މި ތަނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެކި ބާވަތުގެ ކުށްކުރާ މީހުންގެ އައްޑާއަކަށް ވެފައި އޮތް ތަނެކެވެ. ނަމަވެސް، މިއަދު މިވަނީ އެ ސަރަހައްދު އާންމުންނަށް ހިތްފަސޭހަ، ރީތި ޕާކެއްގެ ގޮތުގައި އަލުން ފަރުމާކޮށް ހުޅުވާފައެވެ.
މި ޕާކު ހުޅުވާދެއްވާ، ވާހަކަދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ގަލޮޅު ސިޓީ ޕާކު އަލުން ޑިޒައިންކޮށް ވަރަށް ފުރިހަމައަށް ހަދައި، މިއަދު ހުޅުވިގެން ދިއުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކާމިޔާބުކަމާއެކު ރޭވި ގޮތަށް މި މަސައްކަތް ނިމުނު ކަމަށްޓަކައި މޭޔަރ ވަނީ މާތް اللهއަށް ޙަމްދު ކުރައްވާފައެވެ. އަދި މިޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަލޮޅުގެ ގިނަ ރައްޔިތުންްމާއި ގިނަ ތުއްތު ކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އަލަށް ހުޅުވުނު މި ސިޓީ ޕާކަކީ ތަފާތު ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. އެގޮތުން:
• ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓެއް.
• އެކި އުމުރުފުރައިގެ މީހުންނަށް ކަސްރަތު ކުރެވޭނެ ސަރަހައްދެއް.
• ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ޖާގަ.
• ކުޑަކުދިން ކުޅުމަށް ޚާއްޞަ ސަރަޙައްދެއް.
• އެކި ކަހަލަ އިވެންޓްތައް ބޭއްވޭނެ ޖާގަ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ މޭޔަރުކަމުގެ ދައުރުގައި މައިގަނޑު އެއް އަމާޒަކީ މާލެ ސިޓީގައި ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް މިފަދަ ހިތްފަސޭހަ މައިޒާންތައް ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރި މާހައުލެއް ބިނާކޮށްދިނުން ކަމަށެވެ.
މޭޔަރ ޢާޒިމް ވަނީ، މި ޕާކު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ޕާކުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ވަރަށް އިޚުލާސްތެރިކަމާއެކު އިލްތިމާސް ކުރައްވާފައެވެ. މި ޕާކު ހުޅުވުމާއެކު ގަލޮޅުގެ ރައްޔިތުންނަށް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެން ގޮސްފައެވެ.
ގުޅުންހުރި

ޒަމާންތަކަކަށްފަހު ގަލޮޅަށް ފިނި މައިޒާނެއް: ގަލޮޅު ސިޓީ ޕާކު ރަސްމީކޮށް ހުޅުވައިފި

ސިޓީ ކައުންސިލުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42.15 ޓަނުގެ ކުނި ނަގައިފި

މާލެ ސިޓީ ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުމަކީ މައްސަލައެއް ނޫން: ޢަރީޝް





