
ފެންނަމުން މިދަނީ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް މޭޔަރު އާދަމް ޢާޒިމް އަރައިގަންނަ މަންޒަރު - އަރީޝް
# މާލެ ސިޓީ ކައުންސިލް-
ކޯރަމް ހަމަވެފައިވާ މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއެއް، ކޯރަމް ހަމަނުވާކަމަށް އިޢުލާނުކޮށް މޭޔަރު އާދަމް ޢާޒިމް ވަނީ މި ޖަލްސާވެސް ކުރިއަށް ނުގެންގޮސް ނިންމާލުމާއި ގުޅިގެން އެކަމާއި މެދު ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ނުރުހުން ފާޅުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަރީޝް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި އޮއްވާ، ކޯރަމް ހަމަނުވާކަމަށް އިޢުލާނުކޮށް މޭޔަރު އާދަމް ޢާޒިމް ވަނީ މި ޖަލްސާވެސް ކުރިއަށް ނުގެންގޮސް ނިންމާލާފައި ކަމަށާއި މިއީ، މާލެ ސިޓީގެ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ގަސްތުގައި ވަމުންދާ ބޮޑު އިހުމާލެއް ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާތައް ބާއްވާ ދުވަހަކީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސްކަމަށް ކަނޑައަޅައި އެކަން ދާއިމީކޮށް ކުރަމުން އަންނަތާ އެތައް ދައުރެއް ފާއިތުވެއްޖެކަން ފާހަގަކުރައްވައި އަރީޝް ވިދާލުވީ 4 ވަނަ ދައުރުގެ 234 ވަނަ ޖަލްސާ މިއަދަށް (އަންގާރަ ދުވަހަށް) މޭޔަރު އާދަމް ޢާޒިމް އެޖެންޑާ ކުރީވެސް ކުއްލިއަކަށް ކަމަށާއި މިއީ ބެލެވޭ ގޮތުގައި ކޯރަމް ހަމަނުވުމުގެ އިލްޒާމު ކައުންސިލަރުންގެ ބޮލުގައި އަޅުވަން އާޒިމް ގަސްތުގައި ކުރެއްވި ކަމެއް ކަމުގައި ކަމަށެވެ. ނަމަވެސް މިއަދަށް އެޖެންޑާކުރި 4 ވަނަ ދައުރުގެ 234 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ސާފުކޮށް ކޯރަމް ހަމަވާ ވަރަށް، ކައުންސިލްގެ 10 މެންބަރުން ގަޑިއަށް ޙާޒިރުވިކަން ހާމަކުރައްވައި އަރީޝް ވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ ތަފްސީލްތައް އާންމުކުރައްވާފައި އެވެ. އެގޮތުން ޖަލްސާއަށް ހާޒިރުވި މެމްބަރުންނަކީ:
1- މޭޔަރު އާދަމް ޢާޒިމް2- ޑިޕިއުޓީ މޭޔަރ ޢަރީޝް3- ކައުންސިލަރ އައިމަން4- ކައުންސިލަރ ނަޙުލާ5- ކައުންސިލަރ ރީޙާން6- ކައުންސިލަރ ސަޢީދާ7- ކައުންސިލަރ ސައިފް8- ކައުންސިލަރ ރިޝްފާ9- ކައުންސިލަރ ނިޒާމް10- ކައުންސިލަރ މަރިޔަމް ނާޒިމާ
އަރީޝް ވަނީ 10 ކައުންސިލަރުން ގަޑިއަށް ހަމަވެ، ކޯރަމް ލިބިފައި ވަނިކޮށްވެސް، ކޯރަމް ހަމަނުވާ ކަމަށް އިޢުލާނުކޮށް، ވަރަށް ޚުދުމުޚްތާރު ގޮތަކަށް މޭޔަރު އާދަމް ޢާޒިމް ކެންސަލްކުރި މި ޖަލްސާއަށް އެޖެންޑާކޮށްފަައި އޮތް އެއްކަމަކީ، ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުން ކަންވެސް ހާމަކުރައްވާފައި އެވެ. ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށް ދިނުމަކީ، މިއަހަރުގެ ޖެނުއަރީމަހު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެއްކަމަށްވާއިރު އަދި އެ ނިންމުން ތަންފީޒުކުރަން 7 ޖެނުއަރީގައި ވަނީ މާލެ ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ފްލެޓްތަކުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް މިކަން ނިންމަވާ ސިޓީ ކައުންސިލަށް އަންގަވާފައިވާކަމުގެ މަޢުލޫމާތު ސިނަ މާލެ ފްލެޓްތަކުގެ ރައްޔިތުންނަށް ދެއްވާފައިވާކަން އަރީޝް ހާމަކުރެއްވި އެވެ.
މިގޮތަށް މާކުރިން ނިމި ހަމަޖެހިފައިވާ ކަމެއް މި ޖަލްސާއަށް މޭޔަރު އާދަމް ޢާޒިމް އެޖެންޑާ ކުރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ކައުންސިލަރުންނާ މަޝްވަރާވެސް ކޮށް ނުލާ އަންގާރަ ދުވަހު ރަސްމީ ޢާއްމު ޖަލްސާއެއް ކުއްލިއަކަށް ބާއްވަން ނިންމި ސަބަބެއްވެސް އަދި ސާފުކޮށް ކޯރަމް ހަމަވެފައި އޮއްވާ މިއަދުގެ ޖަލްސާ ކެންސަލްކުރި ސަބަބެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ މުޅީންވެސް ފެންނަމުންދަނީ ކައުންސިލަރުންގެ ބަހެއް އެހުމަކާ ނުލައި އަމިއްލަ އެދުންތައް ހާޞިލްކުރުމަށް ކަންކަން ރާވާ، އަދި ޤާނޫނާ ޚިލާފަށް ޖަލްސާތައް ކެންސަލްކޮށް، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނާ، އެ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް މޭޔަރު އާދަމް ޢާޒިމް އަރައިގަންނަ މަންޒަރުކަމަށެވެ.
ގުޅުންހުރި

ފެންނަމުން މިދަނީ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް މޭޔަރު އާދަމް ޢާޒިމް އަރައިގަންނަ މަންޒަރު - އަރީޝް

މާލެސިޓީގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ " ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޢާޒިމް

ފާއިތުވި އަހަރުގެ ތެރޭ ސިޓީ ކައުންސިލުން 31،131 މައްސަލައަށް ޖަވާބުދާރީވެއްޖެ

.gif&w=3840&q=75)



