logoEN
Sto top
ސްޕެއިން އަތުން ބަލިވެ ޖޯޖިއާއަށް ފުރުސަތު ހަނިވެއްޖެ

ސްޕެއިން އަތުން ބަލިވެ ޖޯޖިއާއަށް ފުރުސަތު ހަނިވެއްޖެ

ހަސަން ޝަމްއޫން

logo

10/11/2025, 9:00:00 PM

# ވޯލްޑްކަޕް ކޮލިފައިންގ # ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެއިން# ޖޯޖިއާ

ސްޕެއިނާއި ޖޯޖިއާ ވަލާދަކުރި މެޗުގެ ތެރެއިން

ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އީގައި މިރޭ ރަށުން ބޭރުގައި ސްޕެއިން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ޖޯޖިއާއަށް ފުރުސަތު ހަނިވެއްޖެއެވެ.

Wamco

ވޯލްޑްކަޕް ކޮލިފައިންގައި ސްޕެއިން އެންމެ ފަހުން ކުޅުނު މެޗުގައި ތުރުކީ އަތުން 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ކޮލިފައިންގައި ޖޯޖިއާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ބަލްގޭރިއާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިނުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޔެރަމީ ޕިނޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ރޮބިން ލި ނޯމާންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓްފަހުން މެޗުގެ ލީޑު ފުޅާކުރުމަށް އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ފެރާން ޓޮރޭސް ކުރިއަށް ފޮނުވާލި ޕެނަލްޓީ ޖޯޖިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ސްޕެއިނުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މިކެއިލް އޮޔަޒަބެލް އެވެ. މިއީ ޖޯޖިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ހަމަލާ ގޯލުގެ މަތީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ސްޕެއިނުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ތުރުކީ އިން ވަނީ 6-1 ގެ ނަތީޖާއަކުން ބަލްގޭރިއާ ބަލިކޮށްފައެވެ.

މިނަތީޖާތަކާއެކު މިގުރޫޕްގައި ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު، ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ސްޕެއިން އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ތުރުކީ އޮތްއިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކު މިވަގުތު އޮތީ ޖޯޖިއާއެވެ. އަދި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި މިވަގުތު އޮތީ ބަލްގޭރިއާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC