
އަމިއްލަ ދަނޑުގައި އަޔަލޭންޑް އަތުން ޕޯޗުގަަލްއަށް އުނދަގޫ މޮޅެއް
# އަޔަލޭންޑް# ޕޯޗުގަލް# ބޭރު ދުނިޔޭގެ ކުޅިވަރު# ވޯލްޑްކަޕް ކޮލިފައިންގޕޯޗުގަލް އާއި އަޔަލޭންޑް ވާދަކުރި މެޗުގެ ތެރެއިން
ވޯލްޑްކަޕް ކޮލިފައިންގް ޔޫރަޕްގެ ގުރޫޕް އެފްގައި މިރޭ އަމިއްލަ ދަނޑުގައި އަޔަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ކޮލިފައިންގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ހަންގޭރީ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ކޮލިފައިންގައި އަޔަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އަރްމޭނިއާ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭކުރިއިރު، މިމެޗުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މިހާފުގައި އެޓީމުގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާއަށް ވެސް ވަނީ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.
މީގެ އިތުރުން ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި މެޗުގެ ލީޑުހޯދުމަށް ޕޯޗުގަލްއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެެ. ނަމަވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރިއަށް ފޮނުވާލި ޕެނަލްޓީ މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަޔަލޭންޑްގެ ކީޕަރު ކެއިލާ ވަނީ ދިފާއުކޮށްފައެވެ.
ޕޯޗުގަލް އިން މެޗުގެ ލީޑުހޯދި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރުބެން ނެވޭސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. އަދި މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ހަންގޭރީ އިން ވަނީ 2-0 ގެ ނަތީޖާއަކުން އަރްމޭނިއާ ބަލިކޮށްފައެވެ.
މިނަތީޖާއެކު މިގުރޫޕްގެ ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު، ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ޕޯޗުގަލް އެވެ. އަދި ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރުމަށް ގުރޫޕް ސްޓޭޖުގައި ބާކީ އޮތް ތިން ޕޯޗުގަލްއަށް މިހާރު ބޭނުން ވަނީ އެންމެ ދެ ޕޮއިންޓެވެ.
ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މިގުރޫޕްގެ ދެވަނައިގައި ހަންގޭރީ އޮތްއިިރު، ތިންމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި މިވަގުތު އޮތީ އަރްމޭނިއާއެވެ. އަދި ގުރޫޕްގެ ފުލުފައި މިވަގުތު އޮތް އަޔަލޭންޑަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިިންޓެކެވެ.