
އެސްޓޯނިއާ ބަލިކޮށް އިޓަލީ އިން ވޯލްޑްކަޕަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފި
# އިޓަލީ# ވޯލްޑްކަޕް ކޮލިފައިންގ # އެސްޓޯނިއާ# ބޭރު ދުނިޔޭގެ ކުޅިވަރުއިޓަލީ އާއި އެސްޓޯނިއާ ވާދަކުރި މެޗުގެ ތެރެއިން..
ވޯލްޑްކަޕް ކޮލިފައިންގ ޔޫރަޕްގެ ގުރޫޕް އައިގައި މިރޭ ރަށުން ބޭރުގައި އިޓަލީ އިން އެސްޓޯނިއާއި ދޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިޓަލީ އިން ވޯލްޑްކަޕަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ކޮލިފައިންގައި އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި 4-5 ގެ ނަތީޖާއަކުން އިޒްރޭލް އަތުން މޮލުވެފައިވާއިރު، ކޮލިފައިންގައި އެސްޓޯނިއާ އެންމެ ފަހުން ކުޅުނު މެޗުގައި އެންޑޯރާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިޓަލީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިޓަލީ އިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މޮއިސް ކީން އެވެ.
އިޓަލީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މަޓެއޯ ރެޓެގުއީ އެވެ. ނަމަވެސް އޭގެ އަށް މިނެޓްކުރި އިޓަލީއަށް ލިބުނު ޕެނަލްޓީ ރެޓެގުއީ ކުރިއަށް ފޮނުވާލުމުން އެސްޓޯނިއާގެ ކީޕަރު ކާލް ހެއިން ވަނީ ދިފާއުކޮށްފައެވެ.
މިމެޗުގައި އިޓަލީގެ ތިންވަނަ ލަނޑު ފަހުހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި މޮއިސް ކީންއަށް އަނިޔާވެގެން ބަދަލުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ އެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން އެސްޓޯނިއާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރައުނޯ ސަޕިނެން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން އިޓަލީއަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓޯނިއާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ހަތަރުވަނައިގައެވެ.