logoEN
Sto top
އެފްއޭމުގެ ކުރީގެ ރައީސް ބައްސާމަށް 4 އަހަރުގެ ޖަލު ހުކުމެއް!

އެފްއޭމުގެ ކުރީގެ ރައީސް ބައްސާމަށް 4 އަހަރުގެ ޖަލު ހުކުމެއް!

އަހުމަދު ޝުރާއު

logo

10/8/2025, 9:48:20 AM

# ބައްސާމް

-

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Wamco

ބައްސާމްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލާން ހުކުމް ކުރީ ދާދި ދެންމެ އަކު އެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ތެރެއިން މިއަދު ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަށެވެ.

ދައުލަތުން ބައްސާމުގެ މައްޗައް ހިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.

ހުކުމް އިއްވަން ބޭއްވި މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށާއި އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް އެ ފައިސާ ޖަމާވުމުގެ ދުވަސްކޮޅެއް ކުރިން، އެފްއޭއެމްގެ ރައީސްގެ އެލަވަންސްގެ ފައިސާ އެފްއޭއެމްއިން ޖަމާކޮށްފައިވާތީ އޭނާއަށް ފަހުން ޖަމާވި 9،999 ޑޮލަރަކީ ރައީސްގެ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާ ނޫން ކަމަށެވެ.

އަދި އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ލިބިފައިނުވާތީ އާއި އޭގެ ބަދަލުގައި އެ ޑޮލަރުތައް ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގޭތީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

ހިޔާނާތުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމެވެ. ނަމަވެސް، ދައުލަތުން މި މައްސަލާގައި އެދުނީ ބައްސާމް އެ އަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީ އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC