ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް
އަލްފާ އަލީ
10/4/2024, 5:28:17 AM
-
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ، ވަނީ އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ ދެ ފުލެޓް ފުލުހުންނާ ހަވާލުކުރުމަށް ބައްސާމުގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފީފާ މެދުވެރިކޮށް އެފްއޭއެމުން ނެގި ލޯނުގެ ފައިސާއިން އޭރު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވި ބައްސާމް އަދީލް, ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން 2 އެޕާޓްމަންޓް ގަނެފައިވާ މައްސަލައިގައި ދައުވާ ކުރުމަށް މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އަމިން އެވެނިއުއިން ދެ އެޕާޓްމަންޓް ގަނެފައިވަނީ އެފްއޭއެމްގެ ފައިސާއިން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށާއި, އެގޮތުން އެކަމަށް އެފްއޭއެމްގެ ފައިސާއިން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. މި ފައިސާ އަކީ އެފްއޭއެމުން ޑޮލަރު މާރުކުރުމުގެ ނަމުގައި އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ޑޮލަރަށް، ލިބުނު ދިވެހި ރުފިޔާ ކަމަށްވެސް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަންސްއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއީ ކޮވިޑު ރިލީފް ލޯނެއްގެ ގޮތުގައި ފީފާ އިން އެފްއޭއެމް އަށް ދޫކޮށްފައިވާ 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށްވެސް ބުނެފައިވެއެވެ. މި ޑޮލަރަށްވާ ފައިސާ އެފްއޭއެމްއަށް ލިބިފައި ނުވާ ކަމަށާއި, މި ފައިސާ އެފްއޭއެމްްއަށް ލިބުނުކަން ދެއްކުމަށް ލިޔެކިޔުމެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލައިގައި ބައްސާމުގެ އިތުރުން އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ. އަދި އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އަށްވެސް ދައުވާކުރަން ވަނީ އެދިފައެވެ.