ބައްސާމްގެ ދެ އެޕާޓްމެންޓު މާދަމާ ރޭ 12 ގެ ކުރިން ފުލުހުންނާއި ހަވާލުކުރަން އަންގައިފި
އަހުމަދު ޝުރާއު
10/7/2024, 4:04:38 PM
--
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަމީން އެވެނިއުއިން ގަތް ދެ އެޕާޓްމެންޓް މާދަމާ ރޭ 12:00 ގެ ކުރިން ފުލުހުންނާއި ހަވާލު ކުރަން ފުލުހުން އަންގައިފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ އެޕާޓްމަންޓް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް، އެ މުއްދަތު އިތުރުކޮށްދޭން އޭގެ އަނެއް ދުވަހު ބައްސާމް އެ އިދާރާގައި އެދުނު ކަމަށް ފުލުހުން ބުންޏެވެ. ބައްސާމް އެދުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން ބައްސާމް އެ އިދާރާގައި އެދިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ނަމަވެސް ބަލަންޖެހޭ ކަންތައް ބެލުމަށް ފަހު ބައްސާމު އެދުނު ގޮތަށް އެޕާޓުމެންޓް ހަވާލުކުރުން ލަސްކޮށްދެވެން ނެތް ކަމަށް ނިންމައި އިއްޔެގެ ނިންމުން ބަދަލުކުރި ކަން މިހާރު ބައްސާމްއަށް އަންގާފައިވާ ކަން ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން މާދަމާ ރޭ 12އާ ހަމައަށް އެޕާޓްމެންޓް ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ފުލުހުން ތުހުމަތު ކުރާގޮތުގައި މި ދެ އެޕާޓްމަންޓް ބައްސާމް ގަނެފައި ވަނީ ކޮވިޑުގެ ދުވަސްވަރު، ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި ލޯނު ފައިސާއިންނެވެ.
މިއާއި އެކު އެފްއޭއެމްގެ ފައިސާ އިން ބައްސާމް އަމީން އެވެނިއު އިން އެޕާޓްމެންޓް ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން މިހާރު ވަނީ ފޮނުވާފަ އެވެ. އެ މައްސަލައިގައި ބައްސާމާ އެކު އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި ކުރިން އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
މި ފަރާތްތަކުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ހިޔާނާތުގެ ކުށާއި، އޮޅުވާލުމުގެ ކުށް އަދި މަނީ ލޯންޑަރިންގެ ކުށެވެ.