
-
އދ މަހިބަދޫ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މަހިބަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އާއި އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މަހިބަދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
މަހިބަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އާރްޑީސީއާއި ހަވާލުކުރެވުނީ، ކުރީ ސަރުކާރުގައި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
420 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރި މި މަގު ހެދުމުގެ މަސައްކަތަކީ، 42.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގާ އެތުރުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.






